ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

1 hour ago - 18:26
Advertisement
Advertisement

މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.


ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:34 ހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ގަސްތުގައި ޖެއްސުމަށްފަހު، އެ މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ފިލަން މަސައްކަތް ކޮށްފައެވެ.


މި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އަނިޔާވި ނަމަވެސް، ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ހަތި، އުމުރުން 23 އަހަރުގެ ސާއިން ޢަބްދުލްޤައްޔޫމް އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


މީގެއިތުރުން، އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވ ކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުންގެ ފަރާތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement