ސިޔާސީ މައިދާނާ ދުރަށް ވަޑައިގަންނަވާނީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްފަހު: އަދުރޭ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފަނެއް ކަމަށާއި، އެކަން ހާސިލުވުމަށްފަހު ސިޔާސީ ކަންކަމާ އެއްކޮށް ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ޓީވީ ޗެނަލް "އެމްއެމްޓީވީ" ގެ "އަރާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ހަޔާތުގައި ހާސިލުކުރަން ބޭނުންވި ގިނަ ކަންކަން މިހާރު ހާސިލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ފުރަތަމަ ދެވަނަ ދައުރެއް މި ނިޒާމުގެ ދަށުން ލިބޭ ވެރިއަކަށް ރައީސް މުއިއްޒު ވެވަޑައިގަތުން އެއީ އަޅުގަނޑު ދެކޭ ހުވަފަނެއް. އެކަން ހާސިލުކުރަން ވެސް ބޭނުން، އެކަމަށްޓަކާ މަސައްކަތް ކުރާނަން ފުރުސަތު ލިބުނު ވަރަކުން. އެ މަސައްކަތުގައި އަޅުގަނޑު ދެމި ހުންނާނަން. އޭގެ ފަހުން ދެން އަޅުގަނޑު ސިޔާސީ ކަންކަމާ ދުރަށް ދާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ގައުމުގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމްދީނަކީ ވަކި ނުކުރެވޭނެ މުހިންމު އަސާސްތަކެއްކަން ދެނެވަޑައިގެން ހުންނަވައިގެން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ލީޑަރެއްކަންވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ވެރިކަން ފެށުނު ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔައީ އަބްދުއްރަހީމް ނަމަވެސް، ފަހުން ކަންކަމުގައި މަޝްވަރާ ނުކުރައްވާ ކަމަށާއި ގުޅުން އެހާ ރަނގަޅު ނޫން ކަމަށް މީގެ ކުރިން އަބްދުއްރަހީމް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިހާރުވެސް އެމަނިކުފާނުގެ އަމާޒަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް

