ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް ސިޔާސީ އެއްވުންތަކުގައި ވާހަކަދައްކާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް ސިޔާސީ އެއްވުންތަކުގައި ވާހަކަދައްކާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

2 hours ago - 07:51

ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަދައްކައި، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފިއެވެ.


އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، މީޑިއާ މެދުވެރިކޮށް އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ބޮޑެތި ހަމަނުޖެހުންތަކަށް މަގުފަހިވާކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.


ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން ބޭނުންކުރަންޖެހޭ ހައްގެއްކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ވިދާޅުވީ، އަނެކާއަށް އިޙްތިރާމް ކުޑަނުވާނެ ގޮތަށް އެ ހައްގުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަންކަމަށް ވެގެންނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.


އެޗްއާރުސީއެމުން އިތުރަށް ބަޔާންކޮށްފައިވަނީ، މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ޚިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.


މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ގަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.


ބަޔާން ނިންމާލަމުން އެޗްއާރުސީއެމުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow