ދިވެހި ރައްޔިތުންގެ ހިމާޔަތުގައި އޮތް އެންމެ ބިޔަ ލަޝްކަރަކީ ސިފައިން: ރައީސް
ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 132 ވަނަ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގެ 132 އަހަރުވީ ދިގު ތާރީޚުގައި ޚިދުމަތްތެރިންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންގެ އިތުރުން ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޚާއްޞަ ދުވަހުގެ ތަހުނިޔާ ހުރިހާ ސިފައިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ. ރާއްޖޭގައި ރަސްމީގޮތެއްގައި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 21 އެޕްރީލް 1892 ގައެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ސިފައިންގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މީގެ އިތުރުން، އަންނަ މަހުގެ 2 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ސިފައިންގެ އަސްކަރީ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާގައި، ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށާއި، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.
ރިއެކްޝަންސް





