ދަރަނި މެނޭޖްކުރުމުގައި ހޯދި ކާމިޔާބީއާއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސްއިން މަތިކޮށްފި
ދިވެހިރާއްޖެއިން ބޭރުގެ ބޮޑެތި މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކޮށް، ދަރަނި ބެލެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯދި ކާމިޔާބީތަކާއެކު، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ މަތިކޮށްފިއެވެ.
މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިންގ ކުރިން އޮތް "ސީއޭއޭ2" (CAA2) އިން "ސީއޭއޭ1" (CAA1) އަށް މަތިކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު އެއް މިންވަރެއްގައި ހިފެހެއްޓި، ހަމަޖެހިފައި އޮންނާނެ ކަމަށް ބަލައި އައުޓްލުކް ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކުރި ގޮތުގައި، މޫޑީސްގެ މި ނިންމުމަކީ ރާއްޖެއިން ދަރަނި ނުދެއްކި "ޑިފޯލްޓް" ވެދާނެ ކަމަށް މީގެ ކުރިން އޮތް ބިރު ކުޑަވެފައިވާކަން އަންގައިދޭ ނިންމުމެކެވެ. އަދި މިއީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މާލީ ދިޔާވަރު އަލުން ވަރުގަދަވަމުން އަންނަކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތް ކަމުގެ ސާފު ހެއްކެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރޭޓިންގ މަތިވުމުގެ މައިގަނޑު އަސްލަކީ ދަރަނި އަދާކުރުމަށް ސަރުކާރުން އިސްކަންދީގެން އެޅި ހަރުދަނާ ފިޔަވަޅުތަކެވެ. އެގޮތުން، ނިމިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ބިޔަ ސުކޫކް ދައްކައި ޚަލާޞްކުރުމުގެ އިތުރުން، އިންޑިއާއާ އެކު އޮތް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވަނީ ކާމިޔާބުކަމާއެކު ހަމަޖައްސާފައެވެ. މީގެ އިތުރުން މެއި އަދި ސެޕްޓެމްބަރު މަހު 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކައި ނިންމާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް ވަނީ ފަސްކޮށްދީފައެވެ. ދުނިޔޭގެ މަސްރަޙުގައި ހަކަތައިގެ އަގު އުފުލުން ފަދަ ނުރައްކާތައް ހުރި ދަނޑިވަޅެއްގައި މިފަދަ ބޮޑެތި މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަކީ، ރާއްޖެއިން ދަރަނި ނުދައްކާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކަށް ލިބުނު ވަރުގަދަ ޖަވާބެކެވެ.
ހަމައެއާއެކު، 2024 ވަނަ އަހަރުން ފެށިގެން ތަޢާރަފުކޮށް 2026 ގައި އިތުރަށް ހަރުދަނާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން ރަސްމީ ބޭންކިންގ ނިޒާމަށް ވަންނަ ޑޮލަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިތުރަށް ވަރުގަދަވެ، ޤައުމުގެ މާލީ ރައްކާތެރިކަން ވަނީ ކަށަވަރުވެފައެވެ.
ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ލިބި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ލުއި ފައިނޭންސިންގ ގެ ގޮތުގައި ޖުމްލަ 130 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 50 މިލިއަން ޑޮލަރުގެ އިތުރުން އޯޕެކް ފަންޑުން ހަމަޖައްސައިދިން 40 މިލިއަން ޑޮލަރު ހިމެނެއެވެ.
ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދަޢުލަތުގެ ޖުމްލަ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ދަރަނީގެ ބުރަ ކުޑަކޮށް، ދެމެހެއްޓެނިވި މާލީ ހަމަޖެހުމަކަށް ވާސިލުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުން ހޯދި މުހިންމު ކާމިޔާބީއެކެވެ.
ރިއެކްޝަންސް

