އަންނަ އާދީއްތައިން ފެށިގެން އާންމު އުސޫލުން ޕާސްޕޯޓް ދޫކުރަން ފަށަނީ

އަންނަ އާދީއްތައިން ފެށިގެން އާންމު އުސޫލުން ޕާސްޕޯޓް ދޫކުރަން ފަށަނީ

1 hour ago - 20:38
Advertisement
Advertisement

އަންނަ އާދީއްތަ ދުވަހުން ފެށިގެން އާންމު އުސޫލުން އަލުން ޕާސްޕޯޓް ދޫކުރަން ފެށޭނެ ކަމަށާއި، މިހާރު ޖަމާވެފައިވާ ބެކްލޮގް ފަސް ދުވަހުގެ ތެރޭގައި އެއްކޮށް ކްލިއާކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.


ޕާސްޕޯޓް ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހުނީ، ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބުކްލެޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުންނެވެ.


މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ޕާސްޕޯޓް ދޫކުރުމަށް ދިމާވި މައްސަލަ މިހާރު މުޅިން ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މި ހަފުތާ ބަންދުގައި ރާއްޖެއަށް އާ ޕާސްޕޯޓް ސްޓޮކް ލިބޭނެ ކަމަށާއި، އޭގެ ފަހުން އާދީއްތަ ދުވަހުން ފެށިގެން އާންމު ހާލަތަށް ރުޖޫއަވެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.


މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު ޕާސްޕޯޓު ހެދުމަށް އެދި ހުށަހަޅާފައިވާ 2,646 އެއްހާ އެޕްލިކޭޝަންގެ ބެކްލޮގެއް އެބައޮތެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ ހަފުތާގައި ޒަރޫރީ ބޭނުންތަކަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި އާދީއްތަ ދުވަހުން ފެށިގެން ޕާސްޕޯޓް ލިބެމުންދާނެ ކަމަށެވެ. އަދި އޭގެ ކުރިންވެސް، މިހާރު ކަނޑައެޅިފައިވާ ކޮންޓްރޯލް ފިޔަވަޅުތަކުގެ ތެރެއިން، ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއިން ބޭރަށް ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން އެދުމުން ޕާސްޕޯޓް ދޫކޮށްދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.


ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 އެއްހާ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މުޅި ރާއްޖޭގައި ޕާސްޕޯޓު ދޫކުރަމުން ދިޔައީ އެންމެ 5 ސަރަހައްދަކުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރު ރާއްޖޭގެ 39 ލޮކޭޝަނަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އާދީއްތަ ދުވަހު އޮޕަރޭޝަންތައް އާންމު ހާލަތަށް ރުޖޫޢަވުމާއެކު، އެ ހުރިހާ ސަރަހައްދަކުންވެސް ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ޚިދުމަތް ލިބެމުންދާނެ ކަމަށް ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement