
ރާއްޖޭގެ ސަލާމަތީ ބާރުތަކުން ރޭ ފެށި އޮޕަރޭޝަނާއި ގުޅިގެން ކަންބޮޑުވާން ޖެހޭކަމެއް ނެތް: ފޮރިން މިނިސްޓްރީ
ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ދިފާޢީ ބާރު ގުޅިގެން ކުރިއަށްގެންދަނީ ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަނެއް ކަމަށާއި، ކަންބޮޑުވާންޖެހޭ ކަމެއް މިވަގުތު ނެތް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެ މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ރޭ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދަންފެށި އޮޕަރޭޝަނާއި ގުޅިގެން އެ މިނިސްޓްރީ އިން އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާނެއްގައެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އިންޓެލިޖެންސް ރިޕޯޓުތަކާ ގުޅިގެން އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކަމަށެވެ.
ރޭގެ އޮޕަރޭޝަނާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ކޯޓު އަމުރުގެ ދަށުން ތަންތަނާއި އުޅަނދުފަހަރު ބަލައި ފާސްކުރަމުން އަންނަކަމަށާއި، ނަމަވެސް މިވަގުތު ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލައިފައި ވަނީ ރާއްޖޭގެ ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެެއްވަމުންނެވެ.
ރިއެކްޝަންސް






