
މަކުނުދޫ އެއަޕޯރޓް މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި
ހިންގުން ހަވާލުކުރަނީ އެމްއޭސީއެލްއާ
ހދ.މަކުނުދޫ އެއަޕޯރޓްގެ މުޅި މަޝްރޫއު ނިންމަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައެވެ.
މަކުނުދޫ އެއަޕޯރޓް މަޝްރޫއަކީ މިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ. އެގޮތުން ބިން ހިއްކުމުގެ ބޮޑުބައި ވަނީ ނިންމާފައެވެ. މިއަދު އެމްޓީސީސީއާ ހަވާލުކުރީ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމާއެކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި, އެއަޕޯރޓް މަޝްރޫއު ނިންމާށެވެ.
ބިން ހިއްކަނީ 1800 މީޓަރުގެ ރަންވޭއެއް އެޅުމުގެ އިތުރުން ރަށުގެ ބޭނުންތަކަށްވެސް 22 ހެކްޓަރު ހިމެނޭ ގޮތަށެވެ. އަދި އެއަޕޯރޓްގެ ވަސީލަތްތައް ފުރިހަމަ ކުރަން ބޭނުންވާ ބިންވެސް ހިމެނޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ މަކުނުދޫގެ ތަރައްޤީއަށް އެންމެ މުހިއްމު ކަމަކީ އެއަޕޯރޓްގެ މަސައްކަތް ނިންމުން ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި އަދި ފަހުންވެސް އެރަށަށް ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުކަން ފާހަގަކުރައްވާ ވިދާޅުވީ އެމަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
" ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުން ބަލާއިރުވެސް މިރަށުގައި އެއަޕޯރޓެއް ގާއިމް ކުރުމަކީ ޒަރޫރީ ކަމެއް, ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އެމަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކާއި ރަށްތައް ބެހިފައިވާ ގޮތުން މަކުނުދޫ އޮތީ އެކަހެރިކޮށްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއަޕޯރޓާއެކު ދަތުރުފަތުރުކުރުމަށް އެލިބޭ ކުރިއެރުމުގެ ސަބަބުން މަކުނުދޫގެ އިގްތިޞާދީ ތަރައްޤީ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. އެއީ މަކުނުދޫގެ އިޤްތިސާދު މަތީ ހަރުފަތަކަށް ގެންދަން ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ވަސީލަތެއްކަމަށް ވިދާޅުވިއެވެ. ސަރުކާރުން މަކުނުދޫ އެއަޕޯރޓަށް އިސްކަންދެނީ އެވިސްނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މަކުނުދޫ އެއަޕޯރޓް އޮޕަރޭޓް ކުރަން ހަވާލުވާނީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކަންވެސް ރައީސް އިއުލާނުކުރެއްވިއެވެ މިހާރުން ފެށިގެން އެމްއޭސީއެލްއިން އެމްޓީސީސީއާ ސަރުކާރާ ގާތުން މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
" ވަރަށް އަވަސް މިނެއްގައި ބާރު މިނެއްގައި މަޝްރޫއު ކުރިއަށްގެންދަން އިސްކަންދޭނަން. ވަރަށް ކާމިޔާބުކަމާއެކު ބާރަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން ދެން" ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






