ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ކައުންސިލަރު އައިމަންގެ ބަންދަށް 30 ދުވަސް ޖަހައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާޢީލްގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައާ ގުޅިގެން އައިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާ އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން މީގެކުރިން ވިދާޅުވެފައިވަނީ، އައިމަންއަށް ތުހުމަތުކުރެވޭ މި މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ އުފުލުމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ނަމަވެސް، ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށް ވާތީ، ކުއްޖާގެ ރައްކާތެރިކަމަށްޓަކައި މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އައިމަންއަކީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކޮށް، މާލެ ސިޓީ ކައުންސިލްގެ މެންބަރުކަން ކޮށްފައިވާ ފަރާތެކެވެ.
ރިއެކްޝަންސް





