ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

5 hours ago - 15:54
Advertisement
Advertisement

ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމްރާއަށްދާ ދިވެހި ޙައްޖާޖީންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާ ކުރުމަށާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަރައްޤީގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.


މި މަޝްވަރާތައް ކުރިއަށްދިޔައީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައެވެ.


މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ޚާރިޖީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.


ވަޒީރުގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ މާތް އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ކޮންސިއުލަރގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީގައި ހޭދަކުރާ މުއްދަތުގައި އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.


މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު އޮންނަ ތަޢުލީމީ ގުޅުންތައް ފުޅާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ދިވެހި އިމާމުންނާއި، ދަރިވަރުންގެ ޢިލްމީ ފެންވަރު މަތިކުރުމަށާއި، ޢަރަބި ބަހުގެ ޤާބިލުކަމާއި އިސްލާމީ ތަޢުލީމީ ދާއިރާގެ ފަންނީ ކުޅަދާނަކަން އިތުރު ކުރުމަށްޓަކައި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާ ކުރުމުގައި ކޮންސިއުލޭޓުގެ އެހީތެރިކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement