ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފް ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފް ކުރިމަތިލައްވައިފި

5 hours ago - 16:01
Advertisement
Advertisement

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ކުރިމަތިލައްވައިފިއެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ރިޓަޔަރ ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވުމާ ގުޅިގެންނެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މިއަދު ހެނދުނު 10:00 ގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ރަސްމީ ލިސްޓު ޖޭއެސްސީން އަދި އާންމުކޮށްފައި ނުވި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި އެ މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހީމެވެ.


މި މަގާމަށް ކުރިމަތިލެއްވި އަބްދުއްރައޫފް އިބްރާހީމަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 26 މާރިޗު 2011 އިން 31 މެއި 2022 އަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާއިރު، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެސިސްޓެންޓްކަމާއި ސިވިލް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.


މީގެއިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރަކީ 26 މާރިޗު 2011 ގައި އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވި، 17 އޭޕްރިލް 2022 ގައި އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ކުރިން ސަމީރު ވަނީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމުގެ އިތުރުން، މަދަނީ ކޯޓުގެ ޤާޟީކަމާއި، އެ ކޯޓުގެ އިސް ޤާޟީކަން އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަން ވެސް ފުރުއްވާފައެވެ.


ޤާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 59,700 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 25,000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement