އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

10 hours ago - 11:27
Advertisement
Advertisement

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެކެވެ.


މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެކަނިވެސް 1.64 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ އިތުރުވުމެކެވެ.


ޑިޕާޗަރ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.68 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާ ކަމަށްވުމުން، މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.


މި ތަފާސްހިސާބުތަކާއެކު، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުން ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 3.32 ބިލިޔަން ރުފިޔާ ވަނީ ޖަމާވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދެ ބައިން ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާ ކަމަށްވާތީ، މިއީ ޖުމްލަ ގޮތެއްގައި 6.8 އިންސައްތައިގެ ކުރިއެރުމެކެވެ.


ރާއްޖޭގައި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ދެ ފީ ނެގުމުގައިވެސް ބައެއް ފަރާތްތައް އިސްތިސްނާކުރެވިފައިވެއެވެ. އެގޮތުން، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ބޭފުޅުންނާއި "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.


ދައުލަތުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ޖަމާކުރަމުން ދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެއިތުރުން، އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑާއި، އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ އަގުތައް މުރާޖަޢާކޮށް އިތުރަށް ލިބޭ އާމްދަނީވެސް މިހާރު ދަނީ ސޮވެރިން ފަންޑަށް ޖަމާކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement