މިނިސްޓަރ ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފި

މިނިސްޓަރ ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފި

1 hour ago - 20:45

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުންނެވެ.


ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމި ސަބަބުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅައި، މަޤާމުގެ މަސްއޫލިއްޔަތުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ޤައުމުގެ އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށްޓަކައި އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކުރެވިފައި ނުވާތީ، ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް އުފުލިގެން ގޮސްފައިވާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.


މީގެއިތުރުން، ދައުލަތުގެ މާލީ ޙާލަތު ދަތި ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި ބޭއްވި އެކި އިންވެސްޓަރު ފޯރަމްތަކަށާއި އެކި މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ބަޖެޓުން ގިނަ ޢަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭކާރު ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.


މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި މި މައްސަލައާމެދު ބަހުސްކޮށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއިރު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ވެރިކަންކުރާ ޕީއެންސީއަށް ކަމަށްވުމުން، މި މައްސަލަ ފާސްވުމުގެ ފުރުޞަތު ކުޑަކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow