އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު 294,876 މީހުންނަށް ލިބޭ: އީސީ

އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު 294,876 މީހުންނަށް ލިބޭ: އީސީ

9 hours ago - 16:29

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. 


އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ، ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. ނަމަވެސް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކޮށް، ގެނައި ބަދަލުތަކާއެކު މިހާރު ވަނީ ދާއިމީ ލިސްޓު ކަނޑައަޅާފައެވެ. 


ދާއިމީ ލިސްޓުގައިވާ ގޮތުން، މިހާރު ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ އަދަދަކީ ވަގުތީ ލިސްޓަށްވުރެ 61 މީހުން މަދު އަދަދެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވަނީ 150,370 ފިރިހެނުންނަށާއި 144,506 އަންހެނުންނަށެވެ.


މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށާއި، އަންހެނުންގެ ދައުރު ފުޅާކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އޭޕްރީލް 4 ގައި ބާއްވާ މި އިންތިޚާބުގެ އެންމެހައި ތައްޔާރީތައް ވަމުންނެވެ.                  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow