ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއަކީ 2028 ކާމިޔާބުކުރުމަށް ލިބުނު ބޮޑު ހިތްވަރެއް: މެންބަރު އިއްބެ
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުން ލިބުނު ނަތީޖާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އިއްބެ ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަކީ ހަގީގަތުގައިވެސް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު ގޮނޑި ކާމިޔާބު ކުރެއްވީ 1,375 ވޯޓުންނެވެ. ސަރުކާރު ކެންޑިޑޭޓް އަޙްމަދު ސަޢީދުއަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 62 ވޯޓުގެ ކުޑަ ފަރަގެކެވެ.
މިކަމަށް އިޝާރާތް ކުރައްވައި އިއްބެ ވިދާޅުވީ، ކުރީގެ ތިން ރައީސުން ކޯލިޝަން ހަދައިގެން، މުޅި އައްޑޫގެ ހުރިހާ ބާރަކާއެކު މަސައްކަތް ކޮށްގެންވެސް އެ ބޭފުޅުންނަށް ލިބުނު ވޯޓަށްވުރެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދުކޮށް އެ ދާއިރާއިން ދެއްވި ވޯޓުގެ އަދަދު ގިނަ ކަމަށެވެ. އަދި މިއީ އެންމެ ރައީސަކާއި އެމަނިކުފާނުގެ ތަސައްވުރަށް އައްޑޫގެ ރައްޔިތުން ކުރި އިތުބާރު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ.
"މިއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފުލް ގިއަރުގައި، ބާރު ދުވެލީގައި ދަތުރުކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" މެންބަރު އިއްބެ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ މުޅި ލީޑަރޝިޕް އަމަލީގޮތުން މި ކެމްޕޭނުގައި ޝާމިލްނުވެ އޮތްއިރުވެސް، މިފަދަ ނަތީޖާއެއް ހޯދުމަކީ ޕީއެންސީގެ ސަފުތައް އޮތް ވަރުގަދަކަން ހާމަވާ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން، ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މިހާރުން މިހާރަށް ގަދައަޅާ މަސައްކަތް ފެށުމަށް މެންބަރު އިއްބެ ވަނީ ގޮވާލައްވާފައެވެ.
ރިއެކްޝަންސް

