ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޗައިނާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޗައިނާއަށް ފުރާވަޑައިގެންފި

1 hour ago - 23:00

ޗައިނާގެ ޔުނާން ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.


މި ފޯރަމް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 އިން 12 އަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ކަމަށްވާ ކުންމިންގ ސިޓީގައެވެ.


ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ މި ދަތުރުފުޅުގައި، ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޚާއްޞަ ތަޤުރީރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.


ވަޒީރުގެ މި ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޕްރޮވިންސްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، ދަރިވަރުންގެ ހާލަތު އޮޅުންފިލުއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް އާއި ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވައެވެ. މި ފޯރަމަކީ ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާއާ ދެމެދު އޮންނަ އިގްތިސާދީ އަދި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow