މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ޖޫން މަހުގެ 13 ގައި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމެވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި މީދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓު ކަރުދާހަކާ ގުޅިގެން ހައިކޯޓުން ކުރި ޙުކުމަކަށް ފަހު، ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. ހައިކޯޓުގެ ޤަޟިއްޔާއިން ސައްޙަ ކަމަށް ކަނޑައެޅި ވޯޓު ކަރުދާހާއެކު، އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު ވަނީ އެއްވަރުވެފައެވެ.
މި އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރައްވާނީ ދެ ކެންޑިޑޭޓުންނެވެ. އެއީ:
- ސުހާ އިބްރާހީމް (ޕީއެންސީ) - ދިލްޝާދުގެ، ދ. މީދޫ
- މުޙައްމަދު ޝާހިދު (އެމްޑީއޭ) - މުޝްތަރީވިލާ، ދ. މީދޫ
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ވޯޓުލުން ކުރިއަށްދާނީ ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.
މި އިންތިޚާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތްނަމަ، "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް complaints@elections.gov.mv އަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ރިއެކްޝަންސް

