ގެއްލުނު ފަތުރުވެރިން ހޯދުމަށް ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއް މާދަމާ ރާއްޖެ އަންނަނީ

ގެއްލުނު ފަތުރުވެރިން ހޯދުމަށް ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއް މާދަމާ ރާއްޖެ އަންނަނީ

3 hours ago - 22:59
Advertisement
Advertisement

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި ބައިވެރިވުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.


މި މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ފަސް ފަތުރުވެރިން ދިވެހި ޑައިވަރަކާ ނުލައި ޑައިވިންއަށް ފޭބި ފަހުން އެމީހުންގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު ވަނީ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައެވެ. ގާތްގަނޑަކަށް 200 ފޫޓު ދިގު މި ކޭވްގެ ތެރޭގައި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، މި އޮޕަރޭޝަނަށް އެހީތެރިވުމަށް ފިންލޭންޑްގެ ތިން މެންބަރުންގެ ޓީމެއް މިހާރު ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. މިއީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު، އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި އެމެރިކާއާ މަޝްވަރާކުރުމަށްފަހު ކަނޑައެޅުނު ”ބޭން“ ކިޔާ ކުންފުންޏެއްގެ ތަޖުރިބާކާރުންނެވެ. މި ޓީމަކީ ފުން ކަނޑުތަކާއި ކޭވް ޑައިވިންގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެއްކަން މުންދު ފާހަގަކުރެއްވިއެވެ.


އެމްއެންޑީއެފުން ”ހައި ރިސްކު“ އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށްފައިވާ މި މަސައްކަތުގައި މިއަދުވެސް އަށް ޑައިވަރަކު ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، މިވަގުތު އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ.


މުންދު އިތުރަށް ވިދާޅުވީ، ބޭރުގެ ތަޖުރިބާކާރުން މާދަމާ ހެނދުނު ރާއްޖެ އައުމުން ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން މަސައްކަތް ކުރިއަށްދާނެ ގޮތުގެ ރޭވުންތައް އެކުލަވާލާނެ ކަމަށެވެ.


”މިވަގުތަށް ދިމާވި ހާދިސާއާ ގުޅިގެން، އިތުރު ރިސްކެއް އޮތުމާއެކު އޮޕަރޭޝަން ސަސްޕެންޑް ކުރީ. މާދަމާ އެ މީހުން އައީމަ އޮޕަރޭޝަން ކުރިއަށްދާނެ މަގެއް ކަނޑައަޅާނެ،“ މުންދު ވިދާޅުވިއެވެ.


މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މި އޮޕަރޭޝަންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ބޭރުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ފެށުމުން، ކޭވްގެ އެންމެ ފުން ސަރަހައްދުތަކަށް ވަދެ ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement