މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމުމަށް ކުރިން ތާވަލުކުރި ތާރީޚަށް ވުރެ އިތުރަށް، މި މަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ފުރަތަމަ ދައުރު މާދަމާގެ ނިޔަލަށް ނިމޭނެއެވެ. ނަމަވެސް، މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު ގިނަ މަސައްކަތްތަކެއް ހުރުމުން، މި ދައުރު މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވަނީ ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ ރައީސް ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، އެކަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މި ދައުރުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ހުށަހަޅާފައިވާ ބައެއް މުހިއްމު ބިލްތައް ހިމެނެއެވެ. އޭގެ ތެރޭގައި ސައިބާ ސެކިއުރިޓީ ބިލާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، ވަތަނީ ހިދުމަތުގެ ބިލުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.
މީގެ އިތުރުން، ބޭރު ގައުމުތަކަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމުގެ މުހިއްމު މަސައްކަތްތަކެއްވެސް މި ދައުރުގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޤަޠަރަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ އާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލައާ މެދު ގޮތެއް ނިންމުން މި މަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި ނިންމުމާއެކު މި މަހުގެ ނިޔަލަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ.
ރިއެކްޝަންސް

