
ޕީއެންސީގެ ނަމުގައި ފޭކް މެސެޖްތަކެއް ދައުރުކުރަނީ
ސަމާލުވާން ޕީއެންސީން ވަނީ އެދިފަ
ޕީއެންސީގެ ނަމުގައި ފޭކް މެސެޖްތަކެއް ދައުރުކުރަމުންދާކަމަށް އެޕާޓީން ބުނެފިއެވެ. ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 'ޕާޓީގެ ބޭނުމަށް މައުލޫމާތުތަކެއް ހޯދުމަށް' ކަމަށް ބުނެ އެކި ފަރާތްތަކަށް އެޕާޓީގެ ނަމުގައި މެސެޖްތަކެއް ދައުރުކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ އެޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން, ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ކަމަސެވެ. ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފާޓީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތަށް ގުޅާއިރު ބޭނުންކުރާނީވެސް ޕާޓީގެ ނަމުގައި ހުންނަ ނަމްބަރުތައް ކަމަށް ޕީއެންސީން ބުންޏެވެ.
ސަރުކާރު ހިންގާ ޕާޓީން ބުނީ އެސްއެމްއެސްގެ ޒަރީޔާއިން އެއްވެސް މައުލޫމާތެއް ހޯދަން އެޕާޓީން ނޭދޭނެ ކަމަށެވެ. މިހާތަނަށް ފާހަގަވެފައިވާ އެފަދަ މައްސަލަތަށް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
"ސިޔާސީ ބޭނުމަކަށް މިޕާޓީގެ ނަމުގައި ޞައްހަނޫން މެސެޖްތައް ފޮނުވުންފަދަ ދަށުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާހާލު, އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލަން ގޮވާލަމެވެ" ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ރިއެކްޝަންސް






