
އެމްޑީޕީގެ އެއްވުމުގައި ގްރީން ޒޯނަށް ވަންނަން މަސައްކަތްކޮށްފައިވޭ- އެޗްއާރުސީއެމް
އެމްޑީޕީގެ އެއްވުމުގައި އަޑުގަދަކުރާ ބޭނުންކޮށް ގްރީން ޒޯނަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. ގްރީން ޒޯނަށް ވަންނަން އުޅުމުން ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވާފައިވާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެކޮމިޝަނުން މިރޭ ޢާއްމުކުރި ނޫސްބަޔާނެއްގައި ބުނީ ސިލްސިލާކޮށް ކޮންމެ ރެއަކު އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތައް މޮނިޓަރ ކުރަމުންދާ ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން ކުރަމުން ގެންދާ މުޒާހަރާގައި އެއްވުމުގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލާފައިވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެޗްއާރުސީއެމް އިން ވަނީ ޢާއްމުންނާއި ޓްރެފިކަށް ދަތިނުވާނެ ގޮތެއްގެ މަތީން މުޒާހަރާތައް އިންތިޒާމް ކުރުމަށް ގޮވާލާފައެވެ. އަދި މުޒާހަރާ ކުރުމުގައި ޞުލުހަވެރިކަން އިސްކޮށް, މަގުތައް ބޭނުންކުރާ މީހުންނަށް ދަތިނުވާނެ ގޮތަށް އަމަލުކުރުމަށްވެސް މުޒާހަރާގެ ބައިވެރިންނަށް ވަނީ ގޮވާލާފައެވެ.
މުޒާހަރާ ކަވަރުކުރާ މީޑިޔާގެ ފަރާތްތަކުންވެސް މިންގަނޑު ހިފެހެއްޓުމަށްވެސް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ. އަދި ޞުލުހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުޞަތުދީ, އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައިވެސް ޤާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






