އެޗްޑީސީގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި ޚާއްޞަ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމައިފިއެވެ.
އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންތައް ހުރީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލީ މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1,011 އެޕާޓްމަންޓަކުން ވަނީ ރެއިލިން ހަރުކުރުމުގެ އެހީތެރިކަމަށް އެދި ހުށަހަޅާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށް ނިންމާފައެވެ. އަދި އެދިފައިވާ އެހެން އެޕާޓްމަންޓުތަކުގެ މަސައްކަތްތައް ވެސް މިހާރު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހު ފެށި މަސައްކަތެކެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އާންމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަދިވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރިއެކްޝަންސް





