މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50 ރުފިޔާއަށް މަތިކޮށްފި
މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50 ރުފިޔާއަށް މަތިކޮށްފިއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް، މަސް ގަންނަ އެންމެ ދަބު އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނޭހެން ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ގެނެވުނު ހެޔޮ ބަދަލެކެވެ. މިއީ މަސް ގަންނަ އަގު މިފަހުން ބޮޑުކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ، މީގެ ކުރިންވެސް މަސް ގަންނަ އަގު 17 ރުފިޔާއަށް ބޮޑުކޮށްފައިވާނޭ ކަމަށެވެ.
މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން މަސް ގަންނަ އަގަށް އެކި ދަނޑިވަޅުތަކުގައި ބަދަލު އަންނަ ކަމަށާއި، ނަމަވެސް ގިނަ ފަހަރު އެއީ އާންމުންގެ ސަމާލުކަމަށް އަންނަ ކަމެއް ނޫން ކަމަށް މިފްކޯއިން ބުނެއެވެ. މިއަދު އަގަށް ގެނެވުނު މި ކުރިއެރުމަކީ މަސްވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރަން ނިންމީ، މިދުވަސްވަރަކީ މަސްވެރިކަން ނިސްބަތުން މަދު ދުވަސްވަރަކަށް ވުމާއެކު، މަސްވެރިންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިއާއެކު، މިހާރު މިފްކޯއިން މަސް ގަންނަ އަގު ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގާ އެއްވަރުކުރެވިފައެވެ.
މި ބަދަލުގެ ސަބަބުން މަސްވެރި އާއިލާތަކަށް ސީދާ ގޮތުން މަންފާކުރާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެއެވެ. މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިނަދޫން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައްޑޫ ސިޓީގައި މިފްކޯގެ އައު މަސްފިހާރައެއް ހުޅުވުން ފަދަ މުހިންމު މަސައްކަތްތަކެއްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ރިއެކްޝަންސް





