މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) ކަމަށެވެ.
އަދި މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޖޫން 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮސްފައިވަނީ، ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން ކަމަށެވެ. އަދި އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން ވަޙީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި ޢާޞް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރިއެކްޝަންސް





