އެލްނީނޯގެ ބާރު ގަދަވެ، ޑިސެމްބަރުގައި އެންމެ ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި!
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެލްނީނޯ އިތުރަށް ވަރުގަދަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ޑިސެމްބަރު މަހުގައި އޭގެ އަސަރު އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު މޫސުމީ އަޕްޑޭޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހު ނީނޯ 3.4 އިންޑެކްސް ވަނީ ޕޮޒިޓިވް 2.1 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މި ހާލަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ މަތިވެ، ވިއްސާރަވުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައުމާއެކު، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި އަނެއްބައި ހިސާބުތަކަށް ހަނަފަސްވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން ވެސް ހުރީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައެވެ. އަދި ޖޫން މަހުން ފެށިގެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވަމުން ގޮސް، ސެޕްޓެމްބަރު މަހު އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ މޫސުމީ ސްޓޭޝަންތަކުން ރެކޯޑުކުރެވުނު އެންމެ މަތީ ފިނިހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވެފައިވާ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ.
އަދި ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވާރޭވެހުނު މިންވަރު އެކި ސަރަހައްދުތަކަށް ބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ބައެއް ހިސާބުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހުނު ނަމަވެސް، އަނެއްބައި ހިސާބުތަކަށް ވިއްސާރަކުރި މިންވަރު އާދަޔާ ޚިލާފަށް ދަށްކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް





