ފެނަކައިގެ އެމްޑީ އަފީފު މަޤާމުން ވަކިކޮށްފި
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
އަފީފު އެ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ޕީސީބީން ހާމަކުރި ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސައިން ވަނީ ވަކިކޮށްފައެވެ. ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަފީފު، ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
އަފީފު މި މަޤާމުން ވަކިކޮށްފައި މިވަނީ، ފެނަކައިގެ ދަށުން ހިންގަމުން އައި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް، ފެނަކަ އުވާލުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
މި ނިންމުމާ އެއްގޮތަށް ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ މިހާރު ވެސް ކުރިއަށްދާއިރު، އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.
ރިއެކްޝަންސް

