ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އަސާސީ ގަވާއިދާ އެއްގޮތަށް: ޕީއެންސީ

ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އަސާސީ ގަވާއިދާ އެއްގޮތަށް: ޕީއެންސީ

2 hours ago - 08:50

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކޮންގްރެސް ޕާޓީން މިކަން ހާމަކުރީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ގޮތާ މެދު ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން ނިންމާނެ ގޮތްތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހާއި، ގައުމީ މަޖިލީހާއި، ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، އެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައް ވަރަށް ތަފުސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ އަސާސީ ޤަވާޢިދަކީ ޕާޓީގެ ވެބްސައިޓުގައ ޝާއިއުކޮށް، ޕާޓީގެ އާއްމު މެންބަރުންނާއި، ނޫސްވެރިންނާއި، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް އޮންނަ ލިޔުމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ޤަވާއިދުގެ ޗެޕްޓަރ-7 ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ޕާޓީގެ އަސާސީ ޤަވާޢިދުގެ 69 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.

އެހެންކަމުން ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބުރައީސުންނާއި، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ  ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ހިންގާ ކަމެއް ނޫން ކަމަަށް ވަނީ ބުނެފަ އެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލެރެސްކުރާ ކޮމިޓީން ނިންމިކަމަށް ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާ އެއީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާކަމެއްކަަން ވަނީ ބުނެފަ އެވެ.

މަތީ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލުކުރާނީ ޕާޓީގެ އަސާސީ ޤަވާޢިދު ބަޔާންްކުރާ ގޮތަށް، މިހާތަނަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ޢަމަަލުކުރަމުން އައިސްފައިވާ ގޮތަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow