ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް %10އަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އަށް މި އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި، ދިވެހި ކުންފުނިތަކާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި އޮތް ފަރަގު ކުޑަކޮށް، ހަމަހަމަ އަދި ވާދަވެރި ވިޔަފާރީގެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.
ޤާނޫނަށް ގެނެވުނު މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް އެއްވެސް ފައިސާއެއް ދައްކާނަމަ، އެ ފައިސާގެ 10 އިންސައްތަ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެއެވެ. މި އިސްލާހު ގެނައުމުގެ ކުރިން ޢަމަލުކުރަމުން އައި ގޮތުން އެފަދަ ކޮންޓްރެކްޓަރުންގެ އަތުން ނަގަމުން އައީ ޖުމްލަ ފައިސާގެ 5 އިންސައްތައެވެ.
މި ބަދަލާ ގުޅިގެން ދައުލަތުގެ ޓެކްސް އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެގޮތުން، އަހަރަކު އެވްރެޖުކޮށް 251 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.
ރިއެކްޝަންސް

