
241 ކޮމިޓީންނާއި މާލިއްޔަތު ކޮމިޓީން އަޒާން ވަކިކޮށްފި
އަޒާން ހަމަޖެއްސެވީ ޕެޓިޝަން ކޮމިޓީ އަށާއި އިމްތިޔާޒާއި ސްލޫކް ކޮމިޓީ އަށް
ރައްޔިތުންގެ މަޖިލުހުގެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާއި މާލިއްޔަތު ކޮމިޓީގެ މެމްބަރު ކަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށް, އެހެން ދެކޮމިޓީއަކަށް އައްޔަންކުރައްވައިފިއެވެ.
ޕީއެންސީގެ ފަރާތުން އެދެކޮމިޓީގައި ހިމެނިވަޑައިގެންނެވި އަޒާން ހަމަޖެއްސެވީ ޕެޓިޝަން ކޮމިޓީ އަށާއި އިމްތިޔާޒާއި ސްލޫކް ކޮމިޓީ އަށެވެ. އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސެވީ ކުރިން ޕެޓިޝަން ކޮމިޓީގައި އިންނެވި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން އެވެ.
އަޒާންގެ ބަދަލުގައި ސަމާލަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓިއަށް ޕީއެންސީން ހަމަޖެއްސެވީ ކުރިން އިމްތިޔާޒާއި ސްކޫލް ކޮމިޓީގައި އިންނެވި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އެވެ.
ބާރުގަދަ ދެކޮމިޓީން އަޒާން ވަކިކޮށްފައި މިވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލަށް ވޯޓް ނުދިން މައްސަލައިގައި އަޒާންއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ބުނެފައި ވަނިކޮށެވެ. އެބިލާ ގުޅޭ ދެ ވޯޓެއްގައި އަޒާން ވަނީ ޕާޓީން ނެރުނު ތްރީލައިން ވިޕާ ހިލާފްވެފައެވެ.
ރިއެކްޝަންސް






