މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢު: ރައީސް މުޢިއްޒު
މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަފުށި ޕޯޓުގެ މަޝްރޫޢަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "އިރާދަކުރެއްވިއްޔާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ވަރަށް ބާރަށް އެ މަސައްކަތް އެބަ ހިނގާ. ސަރުކާރުގެ އަމާޒަކީ، މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 އަށް އެތަން ހުޅުވުން،" ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި މަޝްރޫޢު ނިމުމުން، މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ތިލަފުށީގައި ޤާއިމްކުރާ މި ބަނދަރަކީ ޒަމާނީ ބަދަލުތަކާއިއެކު، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން އެކުލަވާލާ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރެކެވެ. މި ބަނދަރު ފަރުމާކުރެވިފައިވަނީ 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމަކާއެކުގައެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނީ ކޮންޓޭނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތައް ބިނާކުރެވޭނެއެވެ. މީގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައްވެސް މި ބަނދަރުގައި ހިމެނިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.
ރިއެކްޝަންސް

