ރަސްމާލެ ބިމަކީ ދައުލަތުގެ މިލްކެއް: މިނިސްޓަރު މުއްތަލިބް

ރަސްމާލެ ބިމަކީ ދައުލަތުގެ މިލްކެއް: މިނިސްޓަރު މުއްތަލިބް

1 hour ago - 13:14

ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި އެ ޕްރޮޕަޓީއެއް ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ އަބަދުވެސް ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.


މިނިސްޓަރު މުއްތަލިބް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް މައުލޫމާތުތަކުގެ ހަގީގަތް ސާފުކޮށްދެއްވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ، ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެ ޕްރޮޕަޓީ އެހެން ފަރާތަކަށް ވިއްކާލަން ބޭނުންވި ނަމަވެސް ނުވަތަ އެ ފަރާތެއް މަރުވެގެން ވާރުތަވާ ހާލަތުގައިވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށެވެ. އަދި ސަރުކާރުން އެ ހުއްދަ ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ކަމަށްވާތީ، އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނޭ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި މިހާރުވެސް ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވަމުންދާ މުދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.


ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެ މީހަކަށް ނުވަތަ އެމީހެއްގެ އާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަން ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިސާ ދިނުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން ވިސާ ދޫކުރުމާއި، ކެންސަލްކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށްވެސް ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ މިނިވަންކަމާއި އިގްތިސާދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެއް ކަމަށެވެ. އަދި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީ ވަމުން ދިއުމަކީ ރާއްޖޭގެ އިސްތިގުލާލު ވަރުގަދަވެ، އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ އެއްވެސް ފަރާތަކުން އެދޭނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow