ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓާއެކު އެމްޑީޕީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދިއްޖެ
ފޮޓޯ- އެމްއެމްޓީވީ

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓާއެކު އެމްޑީޕީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދިއްޖެ

1 hour ago - 18:37

މަޖިލީހުގެ ތަޅުމުގައި އިއްޔެ ނެގި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ދެއްވުމާ ގުޅިގެން އެ ޕާޓީގެ އެތެރޭގައި ބޮޑު ހަމަނުޖެހުމެއް އުފެދި، މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.


މި ވޯޓުގައި އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން 8 މެންބަރަކު ވަނީ ގިނަ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ އިތުރުން މައުރޫފް ޒާކިރާއި، ހުސައިން ސަމީރާއި، މުޙައްމަދު ނިއުޝާދާއި، އަޙްމަދު ޝާކިރު އަދި އަޙްމަދު ދީދީ ހިމެނެއެވެ.


މި މެންބަރުންގެ ނިންމުމާ މެދު ހިތްހަމަނުޖެހި، ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ޒާތީ ގޮތެއްގައި މެންބަރުންނަށް ފުރައްސާރަކޮށް، ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. މިގޮތުން، މިއީ އަޑިނޭންގޭ ޑީލެއްގެ ދަށުން މާލީ މަންފާއެއް ހޯދުމަށް ދިން ވޯޓެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.


ޚާއްސަކޮށް މެންބަރު ޝަމްހީދަށް އަމާޒުކޮށް، އޭނާއަކީ ކުރީގެ ރައީސް ވަހީދުގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ބުނެ، އޭނާގެ "އެމްޑީޕީ ވަންތަކަމާ" މެދުވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން މެންބަރު ޝަމްހީދާއި މެންބަރު މުޙައްމަދު އިބްރާހީމް ވަނީ އެއީ އޮޅުމަކުން ނުވަތަ ހެދުނު ގޯހެއް ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް، މި އުޒުރާއެކު މަސްލަހަތު ފިނިވުމުގެ ބަދަލުގައި ޒުވާބު ވަނީ އިތުރަށް ހޫނުވެފައެވެ. މާލެ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު ވަނީ ގަލޮޅު ރައްޔިތުންގެ ގާތު އެފަދަ އުޒުރުތައް ނުދެއްކުމަށް މެންބަރު ކުޑޫއަށް ގޮވާލައްވާފައެވެ.


މީގެ އިތުރުން، ކުރީގެ މެންބަރުން ކަމަށްވާ އަލީ އާޒިމާއި މުޙައްމަދު ވަހީދުގެ އިތުރުން ނަޝީދަށް ވަފާތެރި އެކްޓިވިސްޓުން ދަނީ މި މެންބަރުންނަށް ވަރަށް ބޮޑަށް ހަމަލާދެމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފާޑުކިޔުންތައް މިހާ ބޮޑަށް ހޫނުވެފައިވަނީ ޗެއާޕާސަން އިންތިޚާބުގައި ޕީޖީ ގުރޫޕްގެ ބޮޑު އިންސައްތައެއް ރައީސް ނަޝީދަށް ނޫނެކޭ ބުނެ، މީކާއީލަށް ތާއީދުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި ކަމަށްވާތީއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow