
މިސަރުކާރުން އެއް އަހަރު ހޭދަކުރަން މިޖެހުނީ މިދިޔަ ސަރުކާރުން ނުދައްކާހުރި ފައިސާ ދެއްކުމުގައި- މެމްބަރު އިއްބެ
މިއަދު ފެންނަނީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ ވެރިކަމެއް
މިސަރުކާރުން އެއް އަހަރު ހޭދަކުރަން ޖެހުނީ މިދިޔަ ސަރުކާރުން ނުދައްކާހުރި ފައިސާ ދެއްކުމުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ. މެމްބަރު އިއްބެ މިހެން ވިދާޅުވީ ވީ ޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިސަރުކާރު ހަވާލުވެ ހުރިހާކަމެއްވެސް މިދިޔައީ ބެކްލޮގްފިލުވަން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފަހުރި ކަންތައްތަކަށް ފައިސާ ނުދައްކާ ހުރުމުން, މިސަރުކާރުން އެކަމުގައި އަހަރެއް ހޭދަކުރަން ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ.
" ކުރީ ސަރުކާރުން ކޮށްފަހުރި ކަންތައްތަކަށް ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އެފައިސާ ދެއްކުމުގައި އަޅުގަނޑުމެން މުޅި އެއް އަހަރު ހޭދަކުރަން މިޖެހުނީ" އިއްބެ ވިދާޅުވިއެވެ.
ތަފްސީލަށް ވަޑައިގެން މެމްބަރު ވިދާޅުވީ ލޯނާއި, މަސްވެރިންނަށް ދޭން ޖެހޭ ފައިސާވެސް ހުރީ މިއުސޫލުން ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން ވެރިކަމުން ފައިބައިގެން ދަމުން ބޮޑުކުރި މަހުގެ އަގަށްވެސް ނުދައްކާ ހުރި ފައިސާ މިސަރުކާރުން ދައްކާ ރައީސް ޑރ.މުއިއްޒުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދެމުންކަން މެމްބަރު ވާހަގަކުރެއްވިއެވެ.
އެކަމަކު މަސްވެރިންނަށް ފައިސާ ދައްކަދައްކާ ތިއްބާ އިދިކޮޅު މެމްބަރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅައިގެން ޑްރާމާ ކުޅެމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ފެންނަނީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ 'އަމަލާ ބަހާ ދިމާވެ' ވައުދުތައް ފުއްދަވަމުން ގެންދަވާ މަންޒަރު ކަމަށެވެ.
މެމްބަރު އިއްބެ ވިދާޅުވީ މިއަދު ފެންނަނީ ރައްޔިތުންނަށް ހެޔޮއެދިގެން, ރައްޔިތުންގެ ޖީބަށް ފަސޭހަ ގޮތަކަށް ކަންކަން ކޮށް, ގައުމު ބައްޓަން ކުރަމުންދާ މަންޒަރު ކަމަށެވެ.
ރިއެކްޝަންސް






