ރިޔާސީ އާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތްކަން ހާމަކުރުމަށް ފުވައްމުލަކުގައި ސެޝަނެއް ބާއްވައިފި

ރިޔާސީ އާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތްކަން ހާމަކުރުމަށް ފުވައްމުލަކުގައި ސެޝަނެއް ބާއްވައިފި

5 hours ago - 19:51
Mar 31, 2026 - 19:52

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިދާރީ މަސައްކަތްތައް ލުއިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ހާމަކޮށް، އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.


މި މައުޟޫއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ގާނޫނީ މާހިރުން ކަމަށްވާ އަލްއުސްތާޛާ އާޒިމާ ޝަކޫރާއި އަލްއުސްތާޛާ ދިޔާނާ ސައީދު ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވިއެވެ.

session 1.jpeg


މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު ވަނީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް އިންތިޚާބު ބޭއްވުމުން ދައުލަތަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އެ ބޭފުޅުން ވަރަށް ތަފްޞީލުކޮށް އަލިއަޅުއްވާލެއްވިއެވެ.


އިދިކޮޅު ފަރާތްތަކުން މިކަމާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި، ހަމަޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވަމުން، އެއީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ގާނޫނީ ހަމަތަކުގެ މަތިން މި ބޭފުޅުން ސާފުކޮށްދެއްވިއެވެ. ހާއްސަކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައިވެސް އެކި އިންތިޚާބުތައް އެއްދުވަހެއްގައި ބާއްވަމުންދާއިރު، ރާއްޖޭގައި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.


މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި އިދިކޮޅުން ވާހަކަދައްކާއިރު، ދެ އިންތިޚާބު ވަކިން ބޭއްވުމުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު އިސްރާފަށް އެފަރާތްތަކުން ބަލާފައި ނުވާކަމަށްވެސް މި ސެޝަންގައި ވާހަކަދެކެވުނެވެ.


މިފަދަ މަޢުލޫމާތު ސެޝަންތަކުގެ ސަބަބުން، އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ ގައުމީ މަޞްލަޙަތު އޮތް ގޮތްކަން ރައްޔިތުންނަށް އިތުރަށް ސާފުވެގެންދާނެ ކަމަށް ބައްދަލުވުމުގެ ބައިވެރިން ގަބޫލުކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow