ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ފިނިޝިން ޚަރަދު އުނިކޮށްދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.
މި ނިންމުމާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި އެޗްޑީސީން ވަނީ ރަސްމީކޮށް ސިޓީ ފޮނުވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، މިހާތަނަށް ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރެވޭނެއެވެ.
އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހަމަކުރުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، ފްލެޓްތައް ބެލެހެއްޓުމަށް ނަގާ މެއިންޓައިނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1،000 ރުފިޔާ ދައްކަމުން ދާންޖެހޭނެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލީގެ ތާރީޚަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފުރަތަމަ ކަނޑައެޅީ މަހަކު 8،500 ރުފިޔާއެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބާ ގާތްވެފައި ވަނިކޮށް އެ އަދަދު 5،300 ރުފިޔާއަށް ކުޑަކުރިއެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން މިހާރު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 3،984 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.
މީގެ އިތުރުން، ފްލެޓްތަކުގެ ކުލި ނުދައްކައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ. މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރިއެކްޝަންސް









