ސަރުކާރުގެ ހަތަރު ކުންފުންޏެއްގެ ބޯޑަށް އައު މެންބަރުން އައްޔަންކުރައްވައިފި
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކުރައްވައިފިއެވެ.
ބޯޑު މެންބަރުން އަލަށް އައްޔަންކުރައްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އައިލޭންޑް އޭވިއޭޝަން ސަރވިސަސްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށެވެ.
ކުންފުނިތަކުގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ބޭފުޅުން:
ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ. ޝަހީން، ޢަބްދުﷲ ޔާމީން
އައިލެންޑް އޭވިއޭޝަން ސަރވިސަސް: ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބަނީ، އަޙްމަދު މާޒިން
މި ބޭފުޅުން ބޯޑުތަކަށް އައްޔަންކުރައްވާފައިވަނީ އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅުންގެ އެހީތެރިކަމާއެކު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ ކުންފުނިތަކަކީ ފައިދާވާ، ހިންގުންތެރި މުއައްސަސާތަކަކަށް ހެދުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގައި އެ ބޭފުޅުންގެ ފަންނީ ޤާބިލުކަމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް





