ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވޭނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވޭނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި

6 hours ago - 19:03

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާނުކޮށްފައިވާ ރައްޔިތުންގެ ފެންނަނުފެންނަ އާންމު ވޯޓު ނެގުން ހުއްޓުވޭނެ ޤާނޫނީ އެއްވެސް ބިނާއެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.


މި ދުސްތޫރީ މައްސަލައަކީ، އާންމު ވޯޓުގައި އަހާ ސުވާލަކީ ޤާނޫނުއަސާސީއާ ތަޢާރުޟުވާ ސުވާލެއް ކަމަށް ބުނެ، އެ ވޯޓު މަޑުޖައްސައިދިނުމަށް އެދި ޤާނޫނީ ވަކީލް އައިކް އަޙްމަދު އީސާ އާއި އިބްރާހިމް ޝިޔާމް ހުށަހެޅުއްވި މައްސަލައެކެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރައްޔިތުންގެ ލަފައަކަށް އެދި ހުށަހަޅާފައިވާ ސުވާލަކީ:"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 'ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.


މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި ކުރާނެ ސުވާލު ބައްޓަންކުރާނެ ވަކި އިޖުރާއަތެއް ނުވަތަ އުސޫލެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ސުވާލުގައި އިތުރު ތަފުސީލީ މަޢުލޫމާތު ހިމެނުން މަނާކުރާ އެއްވެސް މާއްދާއެއް ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އެހެންކަމުން، މި ވޯޓުގައި ހިމެނޭ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށާއި، މި ވޯޓު ކުރިއަށް ގެންދިޔުން ހުއްޓުވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow