ސޯލާ ފެރީ ގެނެސް ޓެސްޓު ދަތުރުތައް ވަރަށް އަވަހަށް ފަށަނީ
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ސޯލާ ފެރީ ރާއްޖެއަށް ގެނެސް، އޭގެ ޓެސްޓު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި ޚިދުމަތަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ޚާއްޞަކޮށް މިހާރު ބޭނުންކުރާ ޒަމާނީ ފެރީތަކަކީ ބާރު ދުވެލީގައި ދުއްވާ އުޅަނދުތަކަކަށް ވުމާއެކު، އޭގެ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމަށް އޮތް ހައްލެއްގެ ގޮތުން، ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. "އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ތެޔޮ މަދުން ބޭނުންކޮށްގެން ބާރު ދުވެލީގައި ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދަން. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް، ރާއްޖޭގެ ބައެއް ހިސާބުތަކުގައި އަޖުމަބެލުމުގެ ދަތުރުތައް ފެށިގެންދާނެ،" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތިމާވެއްޓާ ރައްޓެހި އަދި އިޤްތިޞާދީ ގޮތުން ފައިދާހުރި ނިޒާމަކަށް ހެދުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، އިޔާދަކުރަނިވި ހަކަތައަށް ކުރާ ހޭދަ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. ސޯލާ ފެރީގެ ޚިދުމަތް ފެށުމުން، ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް









