
ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވައިފި
ޓަރމިނަލްގެ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި
ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވައިފިއެވެ. އާ ޓަރމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރތްގެ އާ ޓަރމިނަލަކީ ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ ޚަރަދަކޮށްގެން ހަދާފައިވާ ޒަމާނީ ފުރިހަމަ ޓަރމިނަލެކެވެ. ޓަރމިނަލް ހަދާފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ވަރަށް ފުރިހަމަކޮށް, ރީތި ޑިޒައިނަކަށެވެ.
އާ ޓަރމިނަލްގައި 47 ޗެކިންގ ކައުންޓަރާއި, 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި, 12 ބޯޑިންގ ގޭޓާއި, 28 އިމިގްރޭޝަން ކައުންޓަރާއި, ސެލްފް ޗެކިންގެ ހަ ކިއޮސްކް ހިމެނެއެވެ. ބެގެޖް ކްލެއިމް ބެލްޓެވެސް 5 ބެލްޓް ހިމެނެއެވެ. އާ ޓަރމިނަލްގައި އެޑްވާންސް ބެގެޖް ސިސްޓަމްވެސް ހިމެނެއެވެ. މީގެތެރެއިން ރާއްޖޭގެ އެއަޕޯޓެއްގައި ސެލްފް ޗެކިންގ ކިއޮސްކް ބޭނުންކުރާ މިއީ ފުރަތަމަ ފަހަރެވެ.
އާ ޓަރމިނަލްއިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
ޖާގަ ތަނަވަސް މިޓަރމިނަލްއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ޚާއްޞަކޮށް ތަނަވަސް ޖާގައާއެކު ދުނިޔޭގެ ފެންވަރުގެ ޓަރމިނަލަކާއެކު ރައްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުވުމުގެ ފުރުޞަތުވެސް ބޮޑެވެ.
އާ ޓަރމިނަލް ބޭނުން ކުރަން ފެށުމާއެކު އެއަރޕޯރޓް ޗެކިންގ އަދި އެރައިވަލް މަރުހަލާގައި ހޭދަކުރަން ޖެހޭ ވަރަށް ބޮޑަށް މަދުވާނެއެވެ.
އެއަޕޯރޓް ހުޅުއްވައިދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެއަޕޯރޓް ޓަރމިނަލްގެ މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ ބުރަމަސައްކަތް ކަމަށެވެ.
"ރައީސް ޔާމީން އަދި ރައީސް ސާލިހު މި ދެ ރައީސުންނަށް ޝުކުރު ދަންނަވަން. ރެއާއި ދުވާލު މިމަސައްކަތް ނިންމުމަށް ބުރަކޮށް މަސައްކަތްކުރެއްވި އެންމެންނަށް ޝުކުރު ދަންނަވަން. ބުރަކޮށް މަސައްކަތް ނުކުރިނަމަ މިމަސައްކަތް ލަސްވާނެ. ފަޚުރުވެރި މިނިވަން ދުވަހު މިތަން ހުޅުވަން ބޭނުންވީ ވަރަށް މުހިންމު ސަބަބުތަކަށްޓަކައި. އިޤުތިސާދު ކުރިއެރުވުމަށް މިވާނީ ވަރަށް މުހިންމު މަސައްކަތަކަށ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓް ކަމަށެވެ. އަދި އެއާޕޯޓްގެ އެންމެ މުހިންމު ބިނާއަކީ މިރޭ ހުޅުވުނު ޓާމިނަލް ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އާ ޓަރމިނަލްއާއެކު އަޅުގަނޑުމެން މިހިނގައިގަތީ މުޅިން އާ މިސްރާބަކަށް ކަމަށެވެ.
އާޓަރމިނަލްގެ ބިންގާ އެޅީ ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅުއެވެ. ޓަރމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް މަސައްކަތުގެ ބޮޑުބައެއް ނިންމީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އެއަޕޯރޓްގެ ފިނިޝިންގެ މަސައްކަތް ނިންމާ ކުލަގަދަ ރަސްމިއްޔާތަކާއެކު ފުރިހަމައަށް ތައްޔާރުވެ ހުޅުވަނީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ޒައާމަތުގައެވެ.
އެއަޕޯރޓް އާ ޓަރމިނަލް ހުޅުވުމާއެކު ފުރިހަމަ ޑްރޯން ޝޯވއަކާއި ހަ މިނިޓަށް ދެމިގެންދިޔަ ފުރިހަމަ ރީތި ހަވާ އެރުވިއެވެ.
ރިއެކްޝަންސް






