
ޔޫކޭއިން ޣައްޒާއަށް އެހީ އެއަރޑްރޮޕްކޮށް ސިއްހީ އެހީ ބޭނުންވާ ކުދިން ޣައްޒާއިން ނެރުމަށް ތައްޔާރުވަނީ
އަންރްވާއިން ވަނީ މިއީ ދެވަނަ މަރުގެ ދަންތުރަ ކަމަށްވެދާނެ ކަމަށް ބުނެފައި
އިޒްރާއިލްއިން ޣައްޒާ ބަނޑަށްޖައްސާ, ހައިހޫނު ކަމުގައި ޣައްޒާއިން އެތައްބަޔަކު މަރުވަމުންދާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުން ޣައްޒާއަށް އެހީ އެއަރޑްރޮޕް ކުރުމަށް އަވައްޓެރި އުރުދުން އާއެކު މަސައްކަތްކުރަމުން ދާކަމަށް ބުނެފިއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން ވަނީ މުހިއްމު ސިއްހީ ފަރުވާއަށް ޣައްޒާއިން ބޭރަށް ދާންޖެހިފައިވާ ކުޑަކުދިން އުރުދުން މެދުވެރިކޮށް ބޭސްފަރުވާއަށް ގެންދެވޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައެވެ.
މިއަދުވެސް ނިއުޓްރިޝަން މަދުވެ ތުއްތު ދެކުއްޖަކު ނިޔާވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. ހައިހޫނު ކަމުގައި މިހާތަނަށް 85 ކުޑަކުދިން ދުނިޔެދޫކޮށްފައި ވާއިރު ހަނގުރާމަ ފެށިފަހުން މިހާތަނަށް 127 މީހަކު ވަނީ ޣައްޒާގައި ބަނޑަށް މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5 މީހަކު ވަނީ ހައިހޫނު ކަމުގައި ދުނިޔެ ދޫކޮށްފައެވެ.
މިއަދު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޭއަރ ސްޓަރމަރ ވަނީ ޣައްޒާއަށް އެހީ އައަރޑްރޮޕް ކުރުމާގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރެޑްރިޗް މާޒް އާވެސް ހިއްސާކުރައްވާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ސްޓަރމަރ ގެ ސަރުކާރުން އިޒްރާއިލްއިން ޣައްޒާގައި ހިންގަަމުން ގެންދާ ޤަތުލްއާންމު ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ތަކެއް ކުރަމުން ނުދާކަމަށާއި, މިހާރު މާލަސްވެފައިވާކަމަށް ބުނެ އާންމުން ދަނީ ސަރުކާރަށް ނުރުހުން ފާޅުކުރަމުންނެވެ.
ޣައްޒާ ޤަތުލްއާންމު ފެށުނީއްސުރެ އިނގިރޭސިވިލާތުގެ އާންމުންދަނީ އިޒްރާއިލް ހުއްޓުވުމަށާއި, އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށްއެދި ކޮންމެ ހަފުތާއަކުވެސް އެޤައުމުގައި މުޒާހަރާކުރަމުންނެވެ.
ރިއެކްޝަންސް






