
އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެވެސް ޣައްޒާއިން 92 މަރު، ހައިހޫނުކަންވެސް އިންތިހާއަށް ދަނީ!
އިޒްރާއިލްގެ ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ ހެނދުނުން ފެށިގެން 92 މީހަކު ޝަހީދުކޮށްލާފައިވާކަމަށް ސިއްހީ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ވަނީ ޝަހީދުވެފައެވެ
ހަމަލާތައް މުޅިންވެސް އަމާޒުކޮށްފައިވަނީ އާންމުންގިނަ ތަންތަނަށް ކަމުގައި ވެސް އެނޫހުގައި ވެއެވެ. އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވާފައި އޮންނަތާ ދެމަސްދުވަސް ވެފައިވާއިރު ޣައްޒާގައި ހައިހޫނުކަން އިންތިހާއަށް ވަނީ ގޮސްފައެވެ.
އެއް ހަމަލާ އަމާޒުކޮށްފައިވަނީ އަލް-ވެހްދާ ސްޓްރީޓްގައި ކާބޯތަކެތިވިއްކާ ތަނެއްކައިރީގައި އާންމުން އެއްވެފައި ވަނިކޮށެވެ. ޣައްޒާ ސިޓީގެ އެ ސަރަހައްދަށް އެއްފަހަރާ ދިން ދެ މިސައިލް ހަމަލާގައި އެސަރަހައްދުން އެކަނިވެސް 17 މީހުން ވަނީ މަރާލާފައެވެ.
ޣައްޒާ ސިޓީގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ހަނީ މަހްމޫދު ބުނެފައިވާ ގޮތުގައި އެއީ ޣައްޒާއިން މިހާރު ކާބޯތަކެތި ލިބޭ މަދުތަނެއްގެ ތެރެއިން އެއް ތަނެވެ. އިޒްރާއިލްއިން ދިން އެއް ހަމަލާ އަމާޒުކުރީ ސީދާ އެތާގެ ތެރެއަށެވެ.
މަހްމޫދު ބުނީ އެތަނުގެ ބޭރަށް ދިން ހަމަލާގައި ޒަހަމްވެފައިވާ މީހުންތައް މަގުމައްޗައް އުކާލެވިފައިވާއިރު މުޅި ސަރަހައްދުގައި ވަނީ ލޭގެ ކޯރުތައް ދެމިފައެވެ. އަދި ހަށިތަކުގެ ބައިތައް ދިމަދިމާއަށް ބުރައިގެން ގޮސްފައި ހުރިކަމަށްވެސް މަހްމޫދު ބުނެފައި ވެއެވެ.
ޣައްޒާ ސިޓީގެ ތުފަން ސަރަހައްދުގެ ސްކޫލަކަށް ދިން އެހެން ހަމަލާއެއްގައި އެތަނުން ހިމާޔަތް ހޯދައިގެންތިބި 13 މީހަކުވެސް ވަނީ މަރާލާފައެވެ.
މީގެ އިތުރުންވެސް ބުދަދުވަހު ޣައްޒާގެ އެކިސަރަހައްދުތަކަށްވެސް އިޒްރާއިލްއިމް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި އުރުތު ޣައްޒާގެ ޖަބާލިއާ ކައިރިއަށްވެސް ވަނީ ވަރުގަދަ ހަމަލާއެއް ދީފައެވެ.
ޣައްޒާގެ ދެކުނުން ހާން ޔޫނިސްއަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ އަށް މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި ބައްޕަ އަކާއި އޭނާގެ ދަރިން އަދި ދެބެންގެ ދަރިންވެސް ހިމެނެއެވެ.
އަނެއްކޮޅުން އިޒްރާއިލް އިން މިހާރުދަނީ ޣައްޒާ 'ދޮވެލުމުގެ' ޕްލޭނެއް ތަންފީޒުކުރަން ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް






