
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ސީޕީ ރިޓަޔަރ ކުރެއްވީ 18 އަހަރުގެ ޚިދުމަތަށްފަހުއެވެ.
ސީޕީ އަލީ ޝުޖާއު ރިޓަޔަރ ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
ރިޓަޔަރ ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަރމަންޓް ކާޑު ވަނީ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
ރިޓަޔަރމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި އަށް އަހަރު ދުވަހު ޚިދުމަތްކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ކޮމިޝަނަރ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެއެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލު ކުރައްވާފައިވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ސީޕީ އިސްތިއުފާ ދެއްވީ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އަމާޒުވަމުންދިޔަ ފާޑުކިއުންތަކާއެކުއެވެ.
ރިއެކްޝަންސް






