
ތެލެސީމިއާ ކުދިން އުންމީދާއެކު ދިރިއުޅުން ބިނާކޮށްދޭން ކުރާ މަސައްކަތުގައި އެހީތެރިވެދީ- ރައީސް
ތެލެސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަޞައްވަރާއި ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވި
ތެލެސީމިއާ ކުދިން އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ހިތާބެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމަޢު ބައިވެރިވުމަށެވެ.
" އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި އެ ކުދީންނާ ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެމެވެ." ރައީސް ވިދާޅުވިއެވެ.
ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އީޖާބީ ފިލާވަޅު ތަކެއް ލިބިގަންންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަން ފާހަގަކުރައްވާ އެމަނިކުފާނު އެދިވަޑައިގެންނެވީ އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި އަޅުގަނޑުމެން ލޭ ހަދިޔާ ކުރުމަށެވެ. ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެކެވެ.
ރިއެކްޝަންސް






