
ހަރުދަނާ ފިޔަވަޅުތަކަކާއެކު ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގަވާއިދު އާއްމުކޮށްފި
ދުންފަތުގެ ބާވަތްތައް އެންމެ މަދުން ވިއްކޭނެ މިންވަރު ކަނޑައަޅައި، ހަރުދަނާ ފިޔަވަޅުތަކަކާއެކު ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު މިއަދު ގެޒެޓުކޮށްފިއެވެ.
ގަވާއިދު އެކުލަވާލީ، ދުންފަތަކީ ވިހަގަދަ މާއްދާ ތަކުގެ ތެރޭގައި ހިމެނޭ، އޭގެ ރައްކާތެރި ވަކިމިންވަރެއް ކަނޑައެޅިފައިނުވާ ވިހައެއް ކަމަށް ވުމުން، އެވިހައިން މުޖުތަމައު ރައްކާތެރިކުރުމުގެ މަގްސަދުގައިގަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ގަވާއިދު ވުޖޫދުވުމާއެކު، ދުންފަތާއި ގުޅޭގޮތުން ކުރިންއަމަލުކުރަމުން އައި އެހެން ގަވާއިދުތައް ވަނީ އުވާލާފައެވެ.
އާ ގަވާއިދުގެ ދަށުން، ދުންފަތް ބޭނުން ކުރުމާއި، އޭގެ ވިޔަފާރިއާއި ގުޅޭ އުސޫލުތައް ކަނޑައަޅައި، އުސޫލުތަކާ ޚިލާފުވާ ފަރާތަތްކާ މެދު އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައިވެއެވެ. އުސޫލާ ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި އާއްމު ފަރުދުންނާއި މުއައްސަސާތަކާދެމެދު ފަރަގުކޮށް، އެކި ގިންތީގެ ފިޔަވަޅުތައް ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތުން،ކުށްކުރާ ފަރާތާއި، ކުށްކުރި ޝަހުސަށް ރިއާޔަތްކޮށް، ޖޫރިމަނާ ކުރާ އަދަދު ކަނޑައަޅައި،ވިޔަފާރީގެ ލައިސަންސް ހިފެހެއްޓުމުގެ ބާރުވެސް އާ ގަވާއިދާއެކު ދައުލަތަށް ލިބޭގޮތް ވަނީހަދައިފައެވެ.
މިގަވާއިދުގެ ދަށުން އަޅާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭ ނަމަ، ޖޫރިމަނާ ކުރާތާ 7 ދުވަސްތެރޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. އަދި، ޝަކުވާ ހުށަހަޅާތާ 15 ދުވަސް ތެރޭގައި ސިއްހަތާ ބެހޭ ވުޒާރާއިން، އެޝަކުވާ ބެލުމަށް ފަހު ޖަވާބު ދޭންވާނެކަމަށް ކަނޑައަޅާފައިވެއެވެ.
ބުދަ ދުވަހުން ފެށިގެން އާ ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައެވެ. ގަވާއިދާ އެއްގޮތަށް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިކަމުގެ ލައިސެންސް ހޯދުމަށް 3 މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
ރިއެކްޝަންސް






