'އަދަދު' ނޫހުގެ ނޫސްވެރިޔާ ބައިވެރިވުމުން ޓީވީއެމްގައި ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި

'އަދަދު' ނޫހުގެ ނޫސްވެރިޔާ ބައިވެރިވުމުން ޓީވީއެމްގައި ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފި

1 hour ago - 23:06
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޓީވީއެމްގެ ސްޓޫޑިއޯގައި ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ބައިވެރިވުމާ ގުޅިގެން، އެ ބައްދަލުވުން އެތަނުގައި ނުބާއްވައި އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.


ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މަޢުލޫމާތު ދެއްވާ ގޮތަށް ހަމަޖެހިފައިވާ މި ޕްރެސް ކޮންފަރެންސް ފުރަތަމަ ތާވަލުކުރީ މިއަދު ހަވީރު 4:00 އަށް ޓީވީއެމްގެ ސްޓޫޑިއޯގައެވެ.


މި ބައްދަލުވުމަކީ ކުރިން ނަން ފޮނުވައިގެން ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ވާއިރު، އެ ތަނަށް 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ދިޔުމުން، ސްޓޫޑިއޯއިން ނުކުތުމަށް ރައީސް އޮފީހުގެ ފަރާތުން އޭނާއަށް އެންގިއެވެ. ނަމަވެސް، ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުގެ ދަށުން ބައިވެރިވި ކަމަށް ބުނެ ލީވާން ވަނީ އެތަނުން ނުކުންނަން ދެކޮޅު ހަދާފައެވެ.


މި ހާދިސާއާ ގުޅިގެން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ރައީސް އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕުގައި 'އަދަދު' ނޫސް ނުހިމެނޭތީ، ރައީސް އޮފީހުން އިންތިޒާމުކުރާ އެއްވެސް ބައްދަލުވުމެއްގައި އެ ނޫހަށް ބައިވެރިނުވެވޭނެ ކަމަށެވެ.


ތަރުޖަމާނު އިތުރަށް ވިދާޅުވީ 'އަދަދު' ނޫސް ރަސްމީ މީޑިއާ ގްރޫޕުން އުނިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް އެ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅޭ ތަހުގީގެއް ކުރިއަށްދާތީ ކަމަށެވެ. އަދި އެ ނޫހަކީ "ޑްރާމާއާއި ފިލްމު ކުޅޭ، މީޑިއާގެ ތޮފި އަޅައިގެން އުޅޭ" ބައެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވިއެވެ.


'އަދަދު' ނޫހުގެ ނޫސްވެރިޔާ ހޯލުން ނުނިކުތުމާ ގުޅިގެން، ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ހަމަޖެހިފައި އޮތް ރަސްމީ ޕްރެސް ކޮންފަރެންސް ވަނީ ކެންސަލްކޮށްފައެވެ. އަދި އޭގެ ފަހުން އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެހެން ތަނެއްގައި، ނޫސްވެރިންނާއެކު ބޭއްވި ނުރަސްމީ ސައިބުއިމެއްގެ ތެރެއިންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement