ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ޕީއެންސީއަކީ ރާއްޖޭގެ އާ ޤާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތައް އުފެދި މަސައްކަތް ފެށި ފަހުން، އެއް ޕާޓީއަކަށް ދުވަހަކުވެސް މީހުން ނުވަންނަ ވަރަށް މެންބަރުން ޖަމާވެފައިވާ ޕާޓީއެއް ކަމަށެވެ. އަދި މިހާރު އެ ޕާޓީގައި 77،000 މެންބަރުން އެބަތިބި ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައިވެސް ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެއީ ރަސްމީ ދަފްތަރުގައި ހިމެނޭ 67،579 މެންބަރުންނެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ ޕީއެންއެފްއަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން ފަލާހް ވިދާޅުވީ، 12 ވަރަކަށް މީހުންނާއެކު ސިޓިންރޫމެއްގައި ކޮންމެ ރެއަކުވެސް ކޮންމެ ބަޔަކަށްވެސް ޖަލްސާ ބޭއްވިދާނެ ކަމަށެވެ. ނަމަވެސް، ޕީއެންސީ ފަދަ ބޮޑު މެންބަޝިޕެއް އޮތް ޕާޓީއަކުން ޖަލްސާއެއް ބާއްވައި ތައްޔާރުވުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފަލާހް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިފަދަ ބޮޑު ތާއީދެއް ލިބި، މި ޕާޓީއަށް ވެރިކަން ކާމިޔާބު ނުކުރެވުނު ނަމަ މިއަދުވެސް ރައީސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށެވެ.
އަދި ވެރިކަން ކުރައްވާފައިވާ ބޭފުޅުން ވާހަކަދައްކަވާއިރު އާންމުކޮށް 'ރައީސް' މި ލަފްޒު ބޭނުންކުރެއްވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެރަކޮށްލުމުގެ ނިޔަތުގައި، އެމަނިކުފާނުގެ ނަންފުޅު ގެންނަވަންވެސް ރައީސް ޔާމީން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފަލާހް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރިއެކްޝަންސް

