ޕީއެންސީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

ޕީއެންސީގެ އާ އަސާސީ ގަވާއިދު މަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

1 hour ago - 14:47

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހިންގުން ހަރުދަނާކޮށް، ގިނަ އިސްލާހުތަކަކާއެކު އަލުން އެކުލަވައިލި އާ އަސާސީ ގަވާއިދު އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށް އެންޑޯސްކޮށްފިއެވެ.


މިއަދު ހެނދުނު ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި، ޕާޓީ އުފެދުނީއްސުރެ މިހާތަނަށް އަސާސީ ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކުގެ ތަފުސީލު މަންދޫބުންނާ ވަނީ ހިއްސާކޮށްފައެވެ. މި ބަދަލުތައް ހިމެނޭހެން އެކުލަވައިލި އާ ގަވާއިދު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.


މި އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އަސާސީ ގަވާއިދު އަލުން ބައްޓަންކުރަން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހިންގުމުގެ ނިޒާމު އިތުރަށް ފުޅާކުރަން ޖެހުމުން ކަމަށެވެ. އަދި އާންމު މެންބަރުންނަށް ޕާޓީގެ އިސްސަފުން ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މި ބަދަލުތަކުގެ މުހިންމު މަގުސަދެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.


އާ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ހިންގުން ވަރުގަދަކުރުމަށްޓަކައި މުހިންމު އައު ގުނަންތަކަކާއި ހަރަކާތްތަކެއް ވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި:

  • ދީނީ އިލްމުވެރިންގެ މަޖިލިސް: އިސްލާމީ ހަމަތަކާއި އަގުތައް ޕާޓީގެ ސިޔާސަތުތަކުގައި ދެމެހެއްޓުމަށް.
  • އަންހެނުންގެ ހަރަކާތް: ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް.
  • ޒުވާނުންގެ ހަރަކާތް: ޒުވާނުންގެ ބައިވެރިވުމާއި ލީޑަޝިޕް ވަރުގަދަކުރުމަށް.
  • އިސްރަށްވެހިންގެ ހަރަކާތް: ގައުމާއި ޕާޓީގެ ތަޖުރިބާކާރު އިސްރަށްވެހިންގެ ލަފައާއި ބައިވެރިވުން ހޯދުމަށް.

މީގެއިތުރުން، ގައުމީ ސަލާމަތާއި، ސިއްހަތާއި، އިގުތިސާދާއި، ސައިންސް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު އެކި ދާއިރާތަކަށް ހާއްސަކޮށްގެން 15 ކޮމިޓީއެއް އެކުލަވައިލުމަށްވެސް މި ގަވާއިދަށް ވަނީ އިތުރުކޮށްފައެވެ. އަދި ދާއިރާތަކުގެ އިސްވެރިންނާއި ސްޓިއަރިން ކޮމިޓީތަކުގެ ދައުރުވެސް މި ބަދަލުތަކާއެކު ވަނީ އިތުރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow