ދިވެހިރާއްޖެއާއި މެލޭޝިއާ އާއި ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި

ދިވެހިރާއްޖެއާއި މެލޭޝިއާ އާއި ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި

1 hour ago - 15:22
Advertisement
Advertisement

މެލޭޝިއާގެ ބޮޑުވަޒީރު، އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން، ދެޤައުމުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބޭއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް، ޒަމާނުއްސުރެ މެލޭޝިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. ހަމަމިއާއެކު ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާކުރައްވާކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ތަޢުރީފު ކުރައްވާފައެވެ.

ދެ ލީޑަރުންވެސް ވަނީ ދެޤައުމުގެ މެދުގައިވާ ދާޚިލީ އަދި ޚާރިޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ދީނީ، ދިފާޢީ، ވިޔަފާރި އާއި ވުނަކުރުން، ސިއްޙީ ދާއިރާ އަދި ފަތުރުވެރިކަން ހިމެނޭހެން މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ މެދު މަޝްވަރާކުރައްވާފައެވެ. އަދި ޤުދުރަތީ ވަސީލަތްތަކުގެ ދާއިރާއިން އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށާއި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާ މެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އުޞޫލީ ގޮތުން އެއްބަސްވެވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާ އާއި ދެމެދު މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތައް ނިންމަވާލެއްވީ، ފަލަސްޠީނުގެ މައްސަލަ ހިމެނޭހެން ބައިނަލްއަޤްވާމީ އިސްކަންދޭ މުހިންމު ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމަށާއި، އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތް ކުރުމެއްވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 58 އަހަރު ވެފައިވާއިރު، މި ގުޅުން ފާހަގަކުރެވިފައިވަނީ އެކި ފެންވަރުގެ މަތީ ޒިޔާރަތްތަކާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ބަދަހި ގުޅުމުގެ އިތުރުން، ދެމެހެއްޓެނެވި ތަރައްޤީގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ގޮތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement