
އުމުރުން 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖަލަށްލި ކާފަ މަރުވެއްޖެ
ހަަމަ މި މައްސަލާގައި ޖަލަލި ކުއްޖާގެ މުނިކާވެސް ވަނީ ޖަލުގައި މަރުވެފައި
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރަށް ޖަލަށްލާފައި ހުރި އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ހުޅުމާލޭ ޖަލުގައި މަރުވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނި ގޮތުގައި އިބްރާހިމް ދީދީ ކުއްލިއަކަށް ވެއްޓުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނުކުރުމުން 2:40 އަށް އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އިބްރާހިމް ދީދީއަކީ ހައި ބްލަޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ. އޭނާ މަރުވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުންޏެވެ.
މި މައްސަލައިގައި އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ (85 އަހަރު) ވެސް އުމުރަށް ޖަލަށްލާފައިވެއެވެ. އޭނާ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޖަލުގައި މަރުވެފައެވެ.
މި މައްސަލައިގައި ދެ މީހުންނަށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މައްސަލަ ފުރަތަމަ ފެންމަތިވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ރިއެކްޝަންސް






