
ކުޅިވަރުގެ މައިދާނުގަ އެންމެބޮޑު އާމްދަނީއެއް ލިބޭ އެތްލީޓަކަށް އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ
2024 ވަނައަހަރު ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑު އާމްދަނީ ލިބުނު އެތްލީޓުންގެ ލިސްޓްގެ އެންމެ ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް ހޯދައިފިއެވެ. ކުޅިވަރުގެ މައިދާނުގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓް ސްޕޯޓިކޯ ބުނާގޮތުން ރޮނާލްޑޯއަށް ލިސްޓްގެ ކުރި ލިބެނީ 260 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއަކާ އެކުއެވެ.
ފުޓްބޯޅަ, ބާސްކެޓްބޯޅަ, ގޮލްފް އަދި ބޮކްސިންވެސް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ލިސްޓްގެ އެންމެ ކުރީގައި ތިބި 100 އެތްލީޓުންގެ ޖުމަލް އާމްދަނީ 6.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ނަމަވެސް ލިސްޓްގެ ގަދަ 100 ގައި އެއްވެސް އަންހެން އެތްލީޓަކު ނުހިމެނެއެވެ.
ފާއިތުވި އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން އެތްލީޓަކީ 30.4 މިލިއަން ޑޮލަރާއެކު ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދި ކޮކޯ ގުއަފްއެވެ.
ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ނަޞްރު އާއެކު 2022 ޑިސްމްބަރުގައި ހެދި އަގުބޮޑު އެއްބަސްވުމާއެކު މިއީ ވިދިވިދިގެން މި މިޤާމްގައި ރޮނަލްޑޯ ހިމެނިފައިވާ ދެވަނަ އަހަރެވެ. ސްޕޯޓިކޯ އިން ބުނިގޮތުގައި މިދިޔަ ހަފުތާގައި 40 ވަނަ އުފަންދުވަސް ފާހަގަކުރި ޕޯޗްގަލްގެ ފޯވާޑަށް މުސާރައިގެ ގޮތުގައި އެކަނިވެސް 215 މިލިއަން ޑޮލަރު ލިބެއެވެ.
ދެވަނައިގައި އޮތް ގޯލްޑަން ސްޓޭޓް ވޯރިއާސް ގާޑްގެ ސްޓެފަން ކަރީގެ ހުރިހާ އާމްދިނީ އެއް އެއްކޮށްލައިގެންވެސް ލިބިފައިވަނީ 153.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ފަސް ފަހަރު ބެލެންޑޯ ހޯދާފައިވާ ރޮނާލްޑޯއަށްވުރެ 100 މިލިއަން އެމެރިކާ ޑޮލަރު މަދު އަދަދެކެވެ.
ލިސްޓްގެ ގަދަ ފަހެއްގައި ދެން ހިމެނެނީ އިނގިރޭސި ވިލާތުގެ ބޮކްސިން ތެޅުންތެރިޔާ ޓައިސަން ފިއުރީ (147 މިލިއަން އެމެރިކާ ޑޮލަރު), އިންޓަ މަޔާމީ އަދި އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީ (135 މިލިއަން އެމެރިކާ ޑޮލަރު) އަދި ލޮސް އެންޖެލިސް ލޭކާސްގެ 40 އަހަރުގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް (133.2 މިލިއަން އެމެރިކާ ޑޮލަރު) އެވެ.
މި ލިސްޓް އެކުލަވާލާފައިވަނީ 27 ގައުމެއްގެ އެތްލީޓުން ހިމެނޭހެން ޖުމްލަ އަށް ކުޅިވަރަކުންނެވެ.
ރިއެކްޝަންސް






